ވިއްސާރައިގައި މުރައިދޫގެ ބައެއް ގެތަކަށާއި ކައުންސިލް އިދާރާއަށް ގެއްލުން ވެއްޖެ

އިއްޔެ ކުރި ވިއްސާރައިގައި ހއ. މުރައިދޫ ބައެއް ގެތަކަށާއި ކައުންސިލް އިދާރާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިކަން ހާމަކޮށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ހަވީރު އައި ކޮޅިގަނޑުގައި ހއ. މުރައިދޫ މީހުން ދިރިއުޅޭ 3 ގެއަކާއި ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތުގެ ފުރާޅު އެއްލާލައިފައިވާ ކަމަށެވެ.

އެގޮތުން އެ ރަށުގެ 2 ގެއެއްގެ ފުރާޅު ރަށު ކައުންސިލާއި ރައްޔިތުންނާއި ފުލުހުންނާއި އެމްޓީސީސީގެ އެހީތެރިކަމާއެކު ވަގުތީގޮތުން ހިޔާކޮށް، މީހުންނަށް ރޭ ނިދޭނެ ޙާލަތަކަށް ގެނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކައުންސިލްގައި އިދާރީ މަސައްކަތް ކުރެވޭ ހާލަތަށް ގެނެވުނުހާ އަވަހަކަށް، ގޭގެއަށް ލިބުނު ގެއްލުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓްކޮށް، އޮންނަ އުޞޫލުގެ ތެރެއިން ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް ކައުންސިލުން ވިދާޅުވިކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް