ކްރިއޭޓިވް އިކޮނޮމީއާ ގުޅޭ މަސައްކަތްތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ރައީސް ދަޢުވަތު ދެއްވައިފި

ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީއާ ގުޅޭ މަސައްކަތްތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ކްރިއޭޓިވް އިކޮނޮމީގެ ކަމާބެހޭ ފަރާތްތަކަށް ދަޢުވަތު ދެއްވައިފިއެވެ.

އެމަނިކުފާނު މި ދައުވަތު އަރުއްވާފައިމިވަނީ، އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި އެމަނިކުފާނު ދެއްވި ތަޤްރީރުގައެވެ.

އެގޮތުން، ކްރިއޭޓިވް އިކޮނޮމީއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ޑިޖިޓަލް ކޮންޓެންޓް، ޑިޒައިން، މީޑިއާ، ގޭމިން، ކަލްޗަރަލް އެންޓަޕްރައިޒަސް އަދި އާޓްސް ހިމެނޭ ކްރިއޭޓިވް ދާއިރާއަކީ މުސްތަގުބަލުގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑު ޑްރައިވަރެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށާއި މި ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް އުފެއްދުންތެރި ސިނާއަތްތައް ޖީޑީޕީގެ މަދުވެގެން 15 އިންސައްތަ ޙިއްޞާކުރުންކަމަށެވެ.

އަދި ރާއްޖޭގައި ޒުވާން، ޓެކްނޮލޮޖީއަށް އަހުލުވެރި އާބާދީއެއް، ޑިޖިޓަލް އިންފްރާސްޓްރަކްޗަރއާއެކު ހަލުވިކަމާއެކު ކުރިއަރަމުން އަންނަކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހި ހުނަރުވެރިކަމާއި، ބައިނަލްއަޤްވާމީ އުފެއްދުންތެރި ގުޅުންތައް ކުރިއެރުވުމަށް ޓަކައި ބިންގާ އަޅަމުން އަޅަމުންގެންދާކަމަށެވެ. އެހެންކަމުން، އިނގިރޭސިވިލާތުގެ ކްރިއޭޓިވް އިންސްޓިޓިއުޝަންތަކާއި، ޑިޖިޓަލް ސްޓާޓްއަޕްތަކާއި، ޑިޒައިން ފާމްތަކާއި، މީޑިއާ ވެންޗާތަކަށްވެސް ރާއްޖެއާއި ގުޅިގެން އެފަދަ މަސައްކަތްތައް ކުރެއްވުމަށް ދަޢުވަތު އަރުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މިފަދަ މަސައްކަތްތައް ޖޮއިންޓް ޕްރޮޖެކްޓްތަކާއި، ޕްލެޓްފޯމްތަކުގައި ކުރާ އިންވެސްޓްމަންޓްތަކާއި، ނުވަތަ ޒުވާނުން ތަމްރީނުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިނީޝިއޭޓިވްތަކުގެ ޒަރީޢާއިން ކުރިއަށްގެންދެވިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ބޭއްވި މި ފޯރަމުގައި ކޮމަންވެލްތު އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއާމަން ލޯޑް މާލަންޑް، ދިވެހި ސަރުކާރުގެ ކެބިނެޓްގެ ބައެއް މެމްބަރުންނާއި އެކްސެލެންސީސް އަދި އިނގިރޭސިވިލާތާއި ރާއްޖޭގެ ކޯޕަރޭޓް ސެކްޓާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް