ރަތަފަންދޫ ބަނދަރު މަރާމާތުކޮށް އިތުރަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

ގދ. ރަތަފަންދޫ ބަނދަރު މަރާމާތުކޮށް އިތުރަށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގުން އިއުލާނު ކޮށްފިއެވެ.

މިކަން ހާމަކޮށް ފިނޭންސުން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ރަތަފަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި މި މަސައްކަތާ ބެހޭ ހުރިހާ ލިޔެކިޔުންތައް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

މި މަޝްރޫޢުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 13:00 ޖެހުމުގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮންނާނީ ޖެހިގެން އަންނަ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރުއެވެ.

ރަތަފަންދޫ ބަނދަރުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތުގެ ދަށުން 221 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި ކަނޑިންމާ ބައްތި ހަރުކުރުމާއި 21 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 312.7 މީޓަރުގެ ޖެޓީއެއް ހެދުމާއި ވެލި އެއްވަރުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު ރަތަފަންދޫއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށުގެ ބަނދަރު ފަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެގޮތުން ރަތަފަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ ރަތަފަންދޫގައި ކުޑަ އާބާދީއެއް އޮތް ނަމަވެސް އެ ރަށަށް ބޭނުންވާ ކަންކަމަކީވެސް މުހިންމު ކަންކަން ކަމަށާއި އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެ ކަމަށެވެ. އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމަކީ ރައްޔިތުން އެދޭ ކަމެއް ކަމަށާއި މިއަހަރު ކުރިއަށްގެންދާ ބަނދަރު މަޝްރޫޢުތަކުގެ ތެރެއިން ރަތަފަންދޫގެ ބަނދަރުވެސް ތަރައްގީ ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް