ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ބޯޑަށް 4 ބޭފުޅަކު ޢައްޔަންކޮށްފި

ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ބޯޑަށް ޗެއަރޕަރސަނަކާއި 3 މެންބަރުން ޢައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން 29 ޖޫން 2025 ގައި ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ބޯޑަށް ޗެއަރޕަރސަނަކާއި އިތުރު ތިން މެންބަރުން ވަނީ އާއްޔަންކުރެވިފައެވެ.

މިގޮތުން އެ ކުންފުނީގެ ބޯޑަށް ޢައްޔަންކުރެވުނު ފަރާތްތައް ތިރީގައި އެވަނީއެވެ.

  1. އަލްފާޟިލާ ފާޠިމަތު ޝާހީން، ދަފްތަރު ނަންބަރު ރސ8087 – ޗެއަރޕަރސަން
  2. އަލްފާޟިލް އަޙްމަދު ސިރާޖް، ވ. ސިނަމާލެ 4 04-2 – މެންބަރު
  3. އަލްފާޟިލް މުޙައްމަދު ރިޔާޟް، ވ. ނަލަދުވެލި – މެންބަރު
  4. އަލްފާޟިލާ އާމިނަރު ޝައުޝަން ޢަފީފް، ސުހާނާވިލާ/ސ. ފޭދޫ – މެންބަރު

ނަންބަރު 15/2025 ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން "ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ 1 ޖޫން 2025 ގައެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސަރވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގގެ ޚިދުމަތްތައް ހިމެނޭގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމެވެ.

"ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، -/10 (ދިހައެއް) ރުފިޔާގެ 100,000,000 (ސަތޭކަ މިލިޔަން) ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ -/1,000,000,000 (އެއް ބިލިޔަން) ރުފިޔާއެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް