ރާއްޖޭގެ މޫސުން ބަލާ ހަވަނަ އޮބްޒަވޭޓަރީ ނ. މާފަރުގައި ޤާއިމުކުރަނީ

ރާއްޖޭގެ މޫސުން ބަލާ ހަވަނަ އޮބްޒަވޭޓަރީ ނ. މާފަރުގައި ޤާއިމުކުރުމަށް ނިންމައިފިކަމަށް މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

އެގޮތުން މިއީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީގެ ދަށުން ހިންގޭ މަޝްރޫޢެއްކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ މޫސުމާ ބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިއްޔެ މަސައްކަތު ބައްދަލުވުމެއް ބޭއްވިފައިވާކަމަށް މެޓް އޮފީހުން ވަނީ މަޢުލޫމާތު ދީފައެވެ.

މިހާރު ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުންނަނީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ގަމުގައެވެ. މީގެ އިތުރުން، ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި، ދިޔަވަރު ބެލުމަށް ހަނިމާދޫ، ހުޅުލެ އަދި އައްޑޫ ގަމުގައި ޓައިޑް ސްޓޭޝަންތައް ޤާއިމުކުރެވިފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، އައްޑޫ ގަމުގައި ހުންނަ، ވައިގެ މަތީ ފަށަލަތަކުން މޫސުމާ ބެހޭ މަޢުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުމަށްވެސް ހަމަޖެހިފައިވާކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް