ކުރީގެ ރައީސް، އަލްމަރްޙޫމު މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ލިޔުއްވައިފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަލްމަރްޙޫމު މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ލިޔުއްވައިފިއެވެ.

ދިވެހިބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ ހަނދާނުގައި ބާއްވާ ތަޢުޒިޔާގެ ދަފްތަރު ހުޅުވާލީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، މިއަދަކީ މި ދަފްތަރުގައި ލިޔުމުގެ އެންމެ ފަހު ދުވަހެވެ.

މިގޮތުން މިއަދު މެންދުރުފަހު 1:30 އާ ހަމައަށް ދަފްތަރުގައި ސޮއިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

މި މަހުގެ 13 ވަނަ ދުވަހު އަވަހާރަވި މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ އިތުރުން އެ އެކެޑަމީގެ މުޝީރެކެވެ.

އެ މަނިކުފާނަކީ ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާއަށް މެދުނުކެނޑި 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅަކަށްވާއިރު، އެމަނިކުފާނުގެ ޚިދުމަތްތަކަށް ބައްލަވައި، 2019 ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.

މީގެއިތުރުން، 2018 ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަމާއި، ޢާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ދެ ފަހަރުމަތިން އެމަނިކުފާނުވަނީ ޙާސިލުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް