ޔުމްނުއަށް އެހީތެރިވުމަށްޓަކައި ދޮޅިގަޑިއިރު ތެރޭގައި 7 ލައްކަ ރުފިޔާ ހޯދައިފި

ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި ހައްވާ ޔުމްނު ރަޝީދުގެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސް ޔުމްނުއަށް ބޭސްފަރުވާކުރުމަށް އެހީތެރިވުމަށްޓަކައި ޓިކްޓޮކް ލައިވްއެއްގައި ހިންގި ހަރަކާތަކުން ދޮޅުގަޑިއިރުގެ ތެރޭގައި 735,367.16 ރުފިޔާ ހޯދައިދީފިއެވެ.

މިއީ ކުރިންވެސް މިފަދަ ހަރަކާތްތައް އެކިފަހަރުމަތިން ހިންގާފައިވާ، ޝެހެނާޒް މޫސާ (ޝެހޭ) އިސްވެ ހުރެ ކުރިއަށްގެންދިޔަ ފަންޑްރައިޒިންގ އެކެވެ. އެގޮތުން ރޭގެ އެ ޓިކްޓޮކް ލައިވްގައި ޔުމްނުގެ އެއްބަނޑު އެއްބަފާ ދައްތަވެސް ބައިވެރިވެފައިވާއިރު، އެ ލައިވްގައި 565,501.21 ރުފިޔާއާއި 11,015.95 ޑޮލަރު ވަނީ ލިބިފައެވެ.

މި ފަންޑްރައިޒިންގ ބޭއްވީ، މެެލޭޝިއާއަށް ގެންގޮސް ޔުމްނުގެ ފަރުވާއަށް ހިނގާނެ ހަރަދުތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އެންސްޕާ މެދުވެރިކޮށް 385,500 ރުފިޔާ ޔުމްނުގެ ބޭސްފަރުވާއަށް ހަމަޖައްސައިދިން ނަމަވެސް އެ ފައިސާއިން ޔުމްނުގެ ފަރުވާގެ ކަންކަން އެއްކޮށް ހަމަނުޖެހޭތީ އިތުރު ފައިސާ ހޯދުމަށެވެ.

ޔުމްނުގެ އާއިލާއިން މެލޭޝިއާ ޚިޔާރުކުރީ އެ އާއިލާގެ ބައެއް މެންބަރުން އެ ގައުމުގައި ދިރިއުޅެމުން ދާތީކަމަށް މަޢުލޫމާތު ލިބެއެވެ.

ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓި ޔުމްނު އަނިޔާވީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ. ޔުމްނު އަށް އިތުރުފަރުވާ ދިނުމަށްޓަކައި ރޭވަނީ ސްރީލަންކަން އެއާލައިންސް ފްލައިޓެއްގައި މެލޭޝިޔާއަށް ފުރުވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް