ޤާނޫނު ތަންފީޒުކުރުމުގައި ވަކި މީހަކު ތަފާތެއް ނުކުރަން، ނުވެސް ކުރާނަން: ރައީސް

ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި އެއްވެސް މީހަކު ތަފާތުނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޤާނޫނުގެ ވެރިކަން ނުވަތަ ރޫލް އޮފް ލޯ މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާކަމަށާއި ނުވެސް ކުރައްވާނެކަމަށެވެ.

އަދި އެފަދަ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބެއްލެވުމެއްވެސް ނޯންނާނެކަމަށާއި އެފަދަ ތަފާތުކުރުންތައް ނޯންނާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.


ރައީސް މިހެން ވިދާޅުވެފައިމިވަނީ، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ސަރުކާރުން ހިމާޔަތްދޭކަމަށް މީސްމީޑިއާގައި ވާހަކަ ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫނާއި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީ އަދި "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސްގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު ޒިލާލްގެ ކޮއްކޮ، ރާއޫދު އަޙްމަދު ޒިލާލް ހިމެނޭކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރިފައިވަނިކޮށް، އެމަނިކުފާނުވަނީ މި މައްސަލައާ ގުޅިގެން އިޒްދިޔާން މަޤާމުން ވަކިކޮށްފައެވެ. އަދި ދާއޫދު ވަނީ މުސާރަ ނުލިބޭ ގޮތަށް އަންޑަރ ސެކްރެޓަރީގެ މަޤާމުން ސަސްޕެންޑްކޮށް، ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ވަކިކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް