އިޒްދިޔާން ވަޒީފާއިން ވަކިކޮށް، ދާއޫދު އަޙްމަދު ސަސްޕެންޑް ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކުރައްވައި، އެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކުރައްވައިފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ކަށަވަރުކޮށްދެއްވައިފައެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ، "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، އެ ކޮމިޓީއިން އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރައްވާފައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނިންމުންތައް ނިންމަވާފައި މިވަނީ، މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މަައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން، އެ ހާދިސާގެ ތަހްގީގަށް ނުފޫޒު ފޯރުވާކަމަށްބުނެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް