ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދިނުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު، އަސްމާ ރަޝީދެވެ. އަދި މި ބިލު ވަނީ މަޖިލީހުގެ މިއަދު ޖަލްސާއަށް އެޖެންޑާކޮށްފައެވެ.

އެބޭފުޅާ މި ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ރައްކާތެރި އަދި ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ، އެކަށީގެންވާ ބޯހިޔާވަހިކަމަށް ވާސިލުވުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ފަސޭހަކަމާއެކު ހިފޭނެ ބޯހިޔާވަހިކަމުގެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ ތަންތަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެފަދަ ފަރާތްތަކަށް ޚާއްޞަކޮށް ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާ ފަރާތްތައް އެފަދަ މަޝްރޫޢުތައް ހިންގަނީ ޒިންމާދާރުކަމާއެކު އަދި ދެފުށް ފެންނަ އުސޫލުތަކެއްގެ ދަށުންކަން ކަށަވަރުކުރުމަށްޓަކައި، ބޯހިޔާވަހިކަން ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓްރީކުރުމާ ގުޅެ އުސޫލުތަކާއި އެފަދަ މަޝްރޫޢުތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ތަރައްޤީކުރެވޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ވަސީލަތްތައް ކަނޑައެޅުންވެސް މި ބިލު  ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް