ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފިކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

އެހެންކަމުން، ޝިޕިންގ އޭޖެންޓުންނާއި، ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމަށްޓަކައި ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް މިއަދުން ފެށިގެން ބޭނުންކުރަން މިވަނީ ފަށާފައެވެ.

މިއީ 02 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކައި ކުރެވުނު ކަމެކެވެ. މިގޮތުން ހުށަހަޅާ ޝިޕިންގް އެޖެންޓުން ރަޖިސްޓްރީ ކުރުން، ފްރައިޓް ފޯރވަރޑް ރަޖިސްޓްރީ ކުރުން، ފޮރިންގ ގޮއިންގ ވެސެލް ރަޖިސްޓްރީ ކުރުން، ވެސަލް އެރައިވަލް އިންފޮރމޭޝަން ހުށަހެޅުމާއި ސީ ކާގޯ މެނިފެސްޓް ހުށަހެޅުން މިހާރު ޕޯޓަލް އިން ކުރެވޭނެއެވެ.

އެހެންނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، 31 މެއި 2025ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާ ގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީ.ޓީ.އޭ)" އާގުޅޭ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އަދި 1 ޖޫން 2025 ވަނަ ދުވަހުން ފެށިގެން، މި ޚިދުމަތްތައް ހޯއްދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށްވާތީ، އެ ސުންގަޑީގެކުރިން، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީކުރެއްވުމަށް އެންމެހާ ޝިޕިންގ އެޖެންޓުންނަށާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތަކުގެ ސަމާލުވުމަށް ކަސްޓަމްސް އިން ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް