ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުއްވައިފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ރާއްޖޭގެ ޔުނިވަރސިޓީ އަކުން މިފަދަ ޝަރަފެއް އެރުއްވި ފުރަތަމަ ފަހަރަށްވާއިރު، ރޭ އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މި ޝަރަފު ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށް މި ޝަރަފު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށް މި ޝަރަފު އަރުވާފައި ވަނީ، ދިވެހިރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރެއްވުމުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަސްވަންދެން ޚިދުމަތްކުރައްވާފައިވާފައެވެ. އެ މަނިކުފާނަކީީ، މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ޝަރަފު ލިބިވަޑައިގަތް ފުރަތަމަ ދިވެހި ދަރިވަރެވެ. އަދި އެ ޔުނިވަރސިޓީގައި ކިޔަވާ ވިދާޅުވީ، ކުއްލިއަތުއް ދަޢުވާ ވަލް އުސޫލުއްދީންގައިކަމަށްވާއިރު ކިޔަވައިވިދާޅުވި އަހަރު ޓީޗިން މެތަޑޮލޮޖީއިން އެޔުނިވަރސިޓީންވަނީ އިތުރު ކޯހެއްވެސް އެމަނިކުފާނުވަނީ ފުރިހަމަ ކުރައްވާފައެވެ.

އެމަނިކުފާނުގެ އެހީތެރިކަމާއެކު ދިވެހި 100 އަށްވުރެ ގިނަ ދަރިވަރުންނަށް ޕާކިސްތާނުގައި ތަޢުލީމު ޙާސިލުކުރެއްވުމުގެ ފުރުސަތުވަނީ ފަހިކޮށްދެއްވާފައިވާއިރު މީގެތެރޭގައި ރާއްޖޭގައި މިވަގުތު މަސައްކަތް ކުރައްވަމުންގެންދަވާ ދީނީ ގިނަ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.

ރޭގެ ޖަލްސާގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސަނަދު ޙާޞިލުކުރި ބައެއް ދަސްވެނީންނާއި، މަތީ ވަނަތައް ޙާޞިލުކުރި ދަސްވެނީންނަށްވެސް ރައީސް ވަނީ ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް