އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ޢުދުވާނީ ޙަމަލާތައް ހުއްޓާލަންދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ، ނުވަތަ 241 ކޮމިޓީން ފާސްކޮށްފިއެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ އެ ބިލު ފާސްކުރުމުގެ ކުރިން ބައެއް އިސްލާހުތައް އެ ބިލަށް ގެންނަވާފައެވެ.


މިގޮތުން ކޮމިޓީން ގެންނެވި އެންމެ މުހިންމު އެއް އިޞްލާހަކީ އިސްރާޢީލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭނެގޮތަށް ގެނައި އިޞްލާހެެވެ. އެގޮތަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. ނަމަވެސް ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް އެތެރެވެވޭނެއެވެ. ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެ އިތުރަށް ޝާހިދުވަނީ 2023، އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ އަމަލުތައް ހުއްޓައިލަންދެން އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާވެފައި އޮންނާނެ ގޮތަށް ގާނޫނު ފަރުމާކުރުމަށް ހުށަހަޅުއްވާފައެވެ. އޭގެ ބަދަލުގައި މަނާކުރަން ހިމަނާފައިވަނީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަންޏެވެ. އެއީ އެގޮތަށް ނޫނީ އެކަން ތަންފީޒު ނުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ކޮމިޓީއަށް އެންގުމާއި ގުޅިގެންކަމަށް މަޢުލޫމާތުލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް