އައިޔޫއެމްގެ ހުޅުމާލެ ސަނާބިލް އިމާރާތުގެ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ސަނާބިލް އިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތު ބޭއްވުނީ ސަނާބިލް އިމާރާތުގެ ކޮންސްޓްރަކްޝަން ސައިޓް (ލޮޓް ނަންބަރު 11528) ގައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސް ވަނީ ޢިމާރާތްކުރަން ފެށުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ.

އައިޔޫއެމްގެ ސަނާބިލް މަޝްރޫޢަކީ އެ ޔުނިވަރސިޓީއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢަކަށްވާއިރު، މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރެވޭނެއެވެ. މީގެ އިތުރުން، މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނޭނެއެވެ.

މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް