ތުރުކީވިލާތާއި ހަންގޭރީއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ތުރުކީވިލާތާއި ހަންގޭރިއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާ ބައްދަލުވުންތަކެއްގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުންތައް ބާއްވާފައިވަނީ އެ ޤައުމުގެ އަންތާލިޔާގައި ކުރިއަށްދާ ޑިޕްލޮމެސީ ފޯރަމުގެ ހަވާސާގެ ތެރެއިންނެވެ. މިފޯރަމަކީ މިމަހުގެ 11 އިން 13 އަށް ކުރިއަށްގެންދާ ފޯރަމެކެވެ.


މި ފޯރަމުގެ ތެރެއިން ވަޒީރު ޑރ. ޚަލީލް އެންމެ ފުރަތަމަ ބައްދަލުކުރެއްވީ، ތުރުކީވިލާތުގެ ވިޔަފާރިއާއި ބެހޭ ވަޒީރު ޕްރޮފެސަރ ޑރ. އޮމާރް ބޮލާޓްއާއިއެވެ. އަދި ދެ ޤައުމުގެ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރު ބަދަހިކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ދެވަނައަށް ޚާރިޖީ ވަޒީރު ބައްދަލުކުރެއްވީ އެ ޤައުމުގެ ސަޤާފަތާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރު މެހެމަތު ނޫރީ އެރްސޯއީއާއެވެ. އަދި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތަށް ފަހިކުރުމަށް ދެބޭފުޅުންވެސް ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުންތަކުގެ އިތުރުން، ޚާރިޖީ ވަޒީރު ވަނީ ހަންގޭރީގެ ޚާރިޖީ އަދި ވިޔަފާރިއާއި ބެހޭ ވަޒީރް ޕީޓަރ ސިއާރޓޯ ބައްދަލުކުރައްވައި ހަންގޭރީއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި މި ގުޅުން ދަމަހައްޓައި، ވަރުގަދަ ކުރާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް