މުލީއާގޭ ބަޖެޓުން ރައީސުގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: އިޤްބާލް

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގޭ ބަޖެޓުން އެމަނިކުފާނުގެ ބޭނުންފުޅަށް ޚަރަދުކުރެއްވި ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު، އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

އިޤްބާލްގެ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވަނީ، ޗެނަލް 13 އިން ގެނެސްދިން ޚަބަރަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.


އެގޮތުން، 11 އެޕްރީލް 2025 ގައި 13 އޮންލައިންގެ ފަރާތުން މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގެެއްކަމަށާއި މިފަދަ ޙަޤީޤަތާއި ޚިލާފް ދޮގު ޚަބަރުތައް ނުފެތުރުމަށް އިޤްބާލް ވަނީ ގޮވާލައްވައިފައެވެ.

ޗެނަލް 13 އިން ޝާއިޢުކުރި ޚަބަރުގައިވާގޮތުން، ރާއްޖޭގެ ޚަރަދުތައް ބޮޑުވެ ދަރަނިވެސް ނުދެއްކޭ ފަދަ ހާލަތަކަށް ރާއްޖެ ވެއްޓެމުންދާތީ، ޚަރަދު ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް އަންގާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އެއް ދުވަހުގެ ކެއުމަށް އެކަނި 9،000ރ. ހޭދަކުރައްވާފައިވާ ކަމަށެވެ.

އަދި މިފަދަ ބޮޑު ޚަރަދެއް އެންމެ ދުވަހެއްގެ ކެއުމަށް ރައީސް ހޭދަކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައިވާކަމަށާއި ނިކަމެތި ރައްޔިތުން މިހާރު އުޅެނީ އިފްލޭޝަން މަތިވެ އެއް އިރުގެ ކެއުންވެސް ހަމައަށް ނުކެވިގެން ކަމަށްވާއިރު ރައީސް މީހާ އައްޔާޝީ ކުރުމުގައި ކެއުމުންވެސް ބޮޑު ޚަރަދު ކުރާކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކޮށްފައިވާކަމަށް ޗެނަލް 13 އިން ޝާއިޢުކުރި ޚަބަރުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް