ބޭހާ ގުޅިގެން ހުރި ކަންބޮޑުވުމަށް ލުޔެއް ހޯދައިދޭނަން: މިނިސްޓަރު

ބޭސް ނުލިބުމުގެ މައްސަލައަށް ލުޔެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް މިއަދު ދެއްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބޭހުގެ ކަންބޮޑުވުންތަކަށް ބޮޑު ލުޔެއް ހޯދައިދެއްވާނެ ކަމަށާއި ބައެއް ބޭސްތަކުގެ ސަޕްލައި ދަށްވުމުގެ ސަބަބުން ބޭސްތައް ނުލިބުމުގެ ކަންބޮޑުވުން އުޅޭކަން އެނގިވަޑައިގަންނަވާކަމަށެވެ.

އަދި އެކަންކަން ހައްލުކުރަން ސަރުކާރުގެ ގިނަ މުވައްސަސާތަކަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، އޭގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ޝަކުވާތައް ހުންނަ މިންވަރު ވަރަށް ގަވައިދުން ބައްލަވާކަމަށާއި އެކަން ހައްލުކުރުމުގައި އަޅުއްވަންޖެހޭ ފިޔަވަޅުތައް ވެސް ބައްލަވާކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އެޑްމިނިސްޓްރޭޝަންގެ މި މަސައްކަތުން ބޭހުގެ މި ކަންބޮޑުވުމަށް ބޮޑު ލުޔެއް އަޅުގަނޑުމެން ހޯދައިދޭނަން. އެއީ މި ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އެ މަންޒަރު ފެންނާތީވެ" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިކަންކަން ހައްލުކުރެއްވުމުގެ ގޮތުން އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށްޓަކައި އެ ނިޒާމް ވަރުގަދަކުރަންޖެހޭ ކަމަށާއި، ހަމަ އެއާއެކު ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވާނަންސް ހަރުދަނާކޮށް އެ ދާއިރާގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުންގެ އަދަދު އިތުރުކުރުމާއި މުވައްޒަފުން ޒިންމާދާރުކުރުމުގައި އެކުލަވާލަން ޖެހޭ އެސްއޯޕީތައް އެކުލަވާލައިގެން މިހާރަށް ވުރެ ރަނގަޅަށް ބަލަހައްޓަމުން ގެންދިޔުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް