ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ 26 މަޝްރޫއެއް ހިންގުމަށް މިހާރުވަނީ ހަވާލުކުރެވިފައި: މިނިސްޓަރު

އަތޮޅުތެރޭގައި ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއާ ގުޅޭ 26 މަޝްރޫއެއް ހިންގުމަށް ހަވާލުކޮށްފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން 10 ރަށެއްގައި މުޅިން އަލަށް ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށާއި އެގޮތުން، ހުޅުމާލެ އަދި ވިލިމާލޭ ހޮސްޕިޓަލުގެ އިތުރުން ހދ.ކުޅުދުއްފުށި، ލ.ގަން، ރ.އުނގޫފާރު އަދި ގދ.ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

އަދި ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު އިތުރަށް ބޮޑުކުރުމުގެ މަސައްކަތާއި، އަށް ރަށެއްގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތައް ފެންވަރު މަތިކުރުމުގެ މަސައްކަތްވެސް ހަވާލުކުރެވިފައިވާއިރު، ކެންސަރު ބައްޔަށް ޚާއްސަ ހޮސްޕިޓަލަކާއި، އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ކެންސަރު ބަލީގެ ހޮސްޕިޓަލު އެޅުމަށް ބޭނުންވާ ފަންޑު ޔޫއޭއީން ހޯދުމުގެ މަސައްކަތް މިހާރު ފެށި، އެކަމާ ގުޅޭ އިދާރީ ކަންކަން ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ނޭޝަނަލް ހެލްތު ލެބޯޓަރީގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށާއި، ޖާގަ ބޮޑު، ފެންވަރު ރަނގަޅު ތެލެސީމިއާ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް