މިކަން ހާމަކޮށްފައިވަނީ ފަވަރައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާވައިގެން ކުރިއަށްގެންދާ މެއިންޓަނަންސް އެއްގެ ސަބަބުން 11 އެޕްރީލް 2025 ގެ ހެނދުނު (މިރޭ ދަންވަރު) 12:00 އިން 03:00 އަށް ފަވަރައިގެ ޚިދުމަތްތައް މެދުކެނޑިދާނެ ކަމަށާއި، މި މުއްދަތުގައި ފަވަރަ މެދުވެރިކޮށް ޕްރޮސެސް ކުރެވޭ މުޢާމަލާތްތަކަށް ބުރޫ އަރާފާނެ ކަމަށެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ފަވަރައިންވަނީ މަޢާފަށް އެދިފައެވެ.

ފަވަރައަކީ އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި 26 އޮގަސްޓު 2023 ގައި އިފްތިތާޙްކުރި އެއްޗެކެވެ. މިވަގުތު ފަވަރައިގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ލިބޭނެއެވެ.