ޕިކްނިކް އައިލެންޑެއް ގޮތަށް ހަމަޖެއްސި ދ. އުއްދޫ މި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ހުޅުވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް މި އަހަރުތެރޭ ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ޕިކްނިކް އައިލަންޑެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވި، އެ އަތޮޅު އުއްދޫ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ހުޅުވައިލުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ މިނިސްޓްރީގެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ވަގުތު ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް އުއްދޫގައި ހަމަޖައްސަވައި ދެއްވައި، މި މަހު 15 ވަނަ ދުވަހު އުއްދޫ ހުޅުވައިލުމަށް ނިންމަވައިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން އެކަމާގުޅިގެން އިތުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ހުޅުވައިލާ އިރު، ޚިދުމަތްތައް އެންމެ ފުރިހަމައަށް ލިބެން ނެތް ނަމަވެސް ކައިރި ތާރީޚެއްގައި މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބާ އެ ރަށް ޙަވާލުކުރެވި، ރަށުގެ ކޮންސެޕްޓް ޕްލޭނެއް އެކުލަވައިލާ، ދަތުރުދާ ފަރާތްތަކަށް އެކަށޭނަ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށެވެ.

މަޢުލޫމާތުލިބޭގޮތުގައި، އުއްދޫ ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މުވައްޒަފުން މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް