މިދިޔަ އަހަރު ގެވެށި އަނިޔާގެ 722 މައްސަލައެއް ހުށަހަޅާފައިވޭ

މިދިޔަ އަހަރު ގެވެށި އަނިޔާގެ 722 މައްސަލައެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އަށް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

އެފްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ގެވެށި އަނިޔާގެ 6،446 މައްސަލައެއް އެ އޮތޯރިޓީއަށް ވަނީ ހުށަހަޅާފައެވެ.

މި އަދަދުތަކަށް ބަލާއިރު އޭގެ ތެރެއިން، 991 މީހަކަށް ގެވެށި އަނިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި 124 ފިރިހެނުންނާއި، 552 އަންހެނުންގެ އިތުރުން 315 ކުޑަކުދިން ހިމެނޭކަމަށާއި އެންމެ ގިނައިން ހުށަހަޅާފައިވަނީ ކައިވެނިކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންގެ ފަރާތުން އަނިޔާ ލިބުނު މައްސަލަތައްކަމަށް އެފްޕީއޭއިން ބުނެފައިވެއެވެ.

މިގޮތުން މިފަދަ 423 މައްސަލައެއް ހުށަހަޅާފައިވާއިރު، މައިންބަފައިންނާއި ބެލެނިވެރިންގެ ފަރާތުން އަނިޔާ ލިބުނުކަމުގެ 305 މައްސަލައަކާއި ޢާއިލީގޮތުން ނުވަތަ ކައިވެނީގެ ގޮތުން ނުވަތަ ނަސަބުގެ ގޮތުން ގުޅިފައިވާ ފަރާތްތަކުގެ ކިބައިން އަނިޔާ ލިބުނުކަމުގެ 256 މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ބައިވެރިއެއްގެ ފަރާތުން އަނިޔާ ލިބިގެން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން އަނިޔާގެ ޢަމަލު ހިންގާފައިވަނީ ފިރިމީހާކަމަށާއި އެގޮތުން %54 މައްސަލަތަކުގައި ފިރިމީހާގެ ފަރާތުން އަނިޔާ ލިބިފައިވާއިރު، %27 މައްސަލަތަކުގައި އަނިޔާކޮށްފައިވަނީ ކުރީގެ ފިރިމީހާކަމަށް އެ ހިސާބުތަކުން ހާމަވެއެވެ.

2024 ވަނަ އަހަރު އެފްޕީއޭ އަށް ހުށަހެޅިފައިވާ ގެވެށި އަނިޔާގެ ރިފަރަލްތަކުން އެންމެ ގިނަ އަދަދަކަށް ހިނގާފައިވާ ކަމަށް ދައްކަނީ ނަފްސާނީ އަނިޔާ އަދި ބަހުގެ ހަމަލާގެ ޢަމަލުތަކަށްވާއިރ މިފަދަ 512 މައްސަލައެއް ލިބިފައިވާކަމަށާއި، ޖިސްމާނީ އަނިޔާގެ 472 މައްސަލައަކާއި ބިރުދެއްކުމުގެ 292 މައްސަލައެއްވެސް އެ އޮތޯރިޓީއަށް ވަނީ ހުށަހަޅާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް