މޯލްޓާއާ އެކު އިންވެސްޓުމަންޓު، ވިޔަފާރި އިތުރުކުރަން މަޝްވަރާތަކެއް ކޮށްފި

ރާއްޖެއާއި މޯލްޓާއާ ދެމެދު ފަތުރުވެރިކަމާއި، މަސްވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާއިން އެއްބާރުުން އިތުރުކުރުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު، ޑރ. އިއަން ބޯގް އާ މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ ކުރިއަށްދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ދިވެހިރާއްޖެއާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކާއި އުސޫލުތަކެއް ހިއްސާކުރާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ.

ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިން ދެ ޤައުމުގެ ގުޅުންތައް ބަދަހިކުރުން މުހިންމު ކަމުގެ މައްޗަށް ދެ ވަޒީރުންވެސް އަލިއަޅުއްވާލައްވާފައިވާއިރު، ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އަލުން ވަރުގަދަކުރުމުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ދެ ވަޒީރުންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި މޯލްޓާ އަކީވެސް ކުދި ޖަޒީރާ ދެ ޤައުމުކަށްވެފައި ތިމާވެށީގެ ކަންކަން، ޚާއްޞަކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ދެ ޤައުމުންވެސް ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތަކާއި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، ވަރުގަދަ އިޤުތިޞާދީ ގުޅުމެއް ޤާއިމްކުރުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި މަތީ ތަޢުލީމުގެ ދާއިރާއިން ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް