ފޮރިން މިނިސްޓަރު ހަލީލް މޯލްޓާ އަށް ވަޑައިގެންފި

ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، ރަސްމީ ދަތުރުފުޅެއްގައި މިއަދު މޮލްޓާއަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތެރޭގައި ޚާރިޖީ ވަޒީރު، މޮލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ އަދި ފަތުރުވެރިކަމާބެހޭ ވަޒީރު އިއަން ބޯގްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެކި މައްސަލަތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މޮލްޓާގެ ކެބިނެޓުގެ އިތުރު ބައެއް ވަޒީރުންނާވެސް ޑރ. ޚަލީލް ބައްދަލުކުރައްވައި ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ މުހިންމު ދާއިރާތަކުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުން، ދެމެހެއްޓެނިވި ތަރައްޤީ، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުން، ފަތުރުވެރިކަން އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް