ހޯނޑެއްދޫގެ އިޚްތިޞާޞަށް ބަދަލުގެންނެވުމުމަށް ނިންމެވި ނިންމެވުން ހޯނޑެއްދޫ ކައުންސިލުން ކުށްވެރިކޮށްފި

ހުވަދުއަތޮ ޅުދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޙްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ.  މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ހޯނޑެއްދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

މިކަން ހާމަކޮށް ހޯނޑެއްދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގދ. ހޯނޑެއްދޫގެ އިޚްތިޞާޞުން ވަކިކުރުމަށް ރައީސް ނިންމެވި ކަނޑެވާރެހާއަކީ ފަތުރުވެރިކަމުގެ ވިޔަފާރި އަށް ފައްކާވެފައިވާ، ނިސްބަތުން ހުވަދު އަތޮޅުގައި ޓޫރިސްޓް އެނދު އެންމެ ގިނަ އެއް ރަށް ކަމަށާއި، ރަށްރަށުގެ އިޚްތިޞާޞްގެ ކަނޑައެޅި އިރު ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ގދ. ކަނޑެވާރެހާ ހިމެނުއްވާފައިވުމަކީ އެ ކައުންސިލާއި ރައްޔިތުން، ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރަމުންއައި އުންމީދަށް އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.

އަދި އެ ރަށަކީ އެތައް ޒަމާނެއް ވަންދެން ހޯނޑެއްދޫގެ ރައްޔިތުން ބޭނުންކުރަމުން އައި ރަށެއް ކަމަށާއި، ހޯނޑެއްދޫގެ ބިނާވެށި ޕްލޭންގައި ކަނޑެވާރެހާ އަކީ ޓޫރިޒަމްއަށް ތަރައްޤީ ކުރާނެ ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މޮޑެލްގެ ދަށުން ތަރައްޤީކުރުމަށްޓަކައި ފާސްކުރެވިފައިވާ ރަށަކަށްވާއިރު މިރަށް އެގޮތުގެ މަތިން ތަރައްޤީކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޤަރާރަކުން ހޯނޑެއްދޫގެ އިޚްތިޞާޞުން ގދ. ކަނޑެވާރެހާ ވަކިކުރުމުން ހޯނޑެއްދޫގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ވަޒަންކުރުމެއްނެތި، މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، ހޯނޑެއްދޫގެ އިޚްތިޞާޞް ގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމުގެ ނިންމުން ވަގުތުން އަނބުރާ ގެންދެވުމަށް އެ ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައްވާފައެވެ. އަދި ހޯނޑެއްދޫގެ ރައްޔިތުންނާ މަޝްވަރާކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށްފަހު ނިންމުންތައް ނިންމެވުމަށާއި، ރަށްރަށުގެ އިޚްތިޞާޞްތަކަށް ބަދަލު ގެނައުމުގައި އިންސާފުވެރި އަދި ހާމަކަން ބޮޑު އުސޫލުތަކެއް ޤާއިމުކުރެއްވުމަށްވެސް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.

"ކަނޑެވާރެހާ ހޯނޑެއްދޫގެ އިޚްތިޞާޞުން ވަކިކުރުމަކީ ރަށުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމެކެވެ. އަދި މިކަމުގެ ސަބަބުން މުސްތަގުބަލުގައި ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ޔަޤީން"، ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ހަމައެއާއެކު، މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަން އަލުން މުރާޖަޢާކޮށް، ކަނޑެވާރެހާ ހޯނޑެއްދޫގެ އިޚްތިޞާޞް ގެ ތެރޭގައި ދެމެހެއްޓުމަށާއި، ރަށުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، ރަށުގެ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި އެރަށް ކައުންސިލުން ތަރައްޤީކުރުމުގެ ހުއްދަ ދެއްވުމަށް އެދިވެސް ހޯނޑެއްދޫ ކައުންސިލުން ވަނީ ގޮވާލައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް