މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ދަނީ އިތުރުވަމުން: ޢަބްދުއްރަޙީމް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިކަން އެމަނިކުފާނު ފާހަގަކުރެއްވީ އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންޓުގައި ބޭއްވުނު އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ތެރެއިން ބޭއްވުނު ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 4 ވަނަ ކޮންފަރެންސްގައެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމަށް އަލިއަޅުއްވާލައްވަމުން ޢަބްދުއްރަޙީމް ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެއްބާރުލުން ދިނުމަށް ގޮވާލައްވައި، އެކަމަކީ ދިވެހިރާއްޖެއަށް ސީދާ ގޮތެއްގައި އަސަރުކުރާ އަދި ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމުގައި ފާހަގަކުރައްވައިފައެވެ. އަދި ޚާއްޞަކޮށް އެންމެ ބޮޑަށް ނުރައްކާތެރިކަމުގެ ތެރޭގައިވާ ޤައުމުތަކަށް، ތިމާވެށީގެ އިންސާފު ގާއިމުކުރުމަށް ނަން-އެލައިންޑް މޫވްމެންޓް (ނާމް)ގެ މެންބަރު ޤައުމުތަކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާކުރުމަށްވެސް އެމަނިކުފާނުވަނީ  އިލްތިމާސްކުރައްވާފައެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނާއި ލާމަރުކަޒީ ޤާނޫނު ފަދަ ޤާނޫނުތަކުގެ ސަބަބުން މުޖުތަމަޢުގެ ބާރުވެރިކަމާއި ހަމަހަމަކަން އިތުރުވެފައިވެއެވެ. އަދި ޤައުމީ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމުގައި މަޖިލީހުގެ ކޮމިޓީތަކުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

ކޮންފަރެންސްގެ މައުޟޫ، "ބަންޑުންގ އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުންގ އުސޫލުތައް ދެމެހެއްޓުމުގައި މަޖިލިސްތަކުގެ ދައުރު" އަށް ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވަނީ، ބަންޑުންގ އުސޫލުތައް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތް ފާހަގަކުރައްވައި، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ އަގުތައް ދެމެހެއްޓުމަށް ޕާލިމެންޓަރީ ފިޔަވަޅުތަކެއް އަލުން އެޅުމަށް ގޮވާލައްވައިފައެވެ.

އަދި މިއަދުގެ ދުނިޔޭގެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ބަންޑުންގ އުސޫލުތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ "ނާމް" މެންބަރު ޤައުމުތަކުން އެއްބައިވެ، ސުލްޙައާއި، އިސްތިގުލާލާއި، އިންސާފު ދިފާޢުކުރުމަށް ގޮވާލައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް