މައިންނާއި ތުއްތު ކުދިންގެ ހެލްތު ރެކޯޑް ޑިޖިޓަލްކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސަނީ

މައިންނާއި ކުޑަކުދިންނަށް ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު ޑިޖިޓަލްކޮށް ފެންނާނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާކަމަށް ޞިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި، "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރ" މި ޝިޢާރުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީފު ވިދާޅުވީ މައިންނާއި ކުޑަކުދިންގެ ޞިއްޙީ މަޢުލޫމާތުތައް ފަސޭހައިން އަޕްޑޭޓްކޮށް ބެލެހެއްޓޭނެ ޑިޖިޓަލް ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައިކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހާރު މާބަނޑު މައިންނާއި އަލަށް ވިހާ ކުދިންނަށް އަސާސީ ފަރުވާ ލިބެމުންދާނެކަމަށެވެ.

އެހެންނަމަވެސް މި ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ފަށްޓަވާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އޭގެ ތެރޭގައި "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް" މެދުވެރިކޮށް މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މަޢުލޫމާތުތައް ބެލޭނެ ނިޒާމެއް ޤާއިމްކުރުން ހިމެނޭކަމަށެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި. އެހަނަސް މިއަދު މިއޮތް ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރަން. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މާދަމާގެ މައިންބަފައިންނަށް ވުމަށް ތައްޔާރުވަމުންދާ ޒުވާންޖީލުގެ ދުޅަހެޔޮކަމަށް އިސްކަންދޭންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

މުސްތަޤުބަލުގެ މައިންބަފައިންނަށް ވާން ތައްޔާރުވަމުންދާ ޒުވާން ޖީލުގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ ދުޅަހެޔޮ ޖީލެއް އުފެއްދުމަށްޓަކައި މައިންނާއި ކުޑަކުދިންގެ ޞިއްޙަތަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަށް ގޮވާލެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް