ހުޅު‎މާލޭގައި ޕިކްނިކް ބޭއްވާކަށް ވަކި ހުއްދައެއް ނަގަން ނުޖެހޭނެ: އެޗްޑީސީ

ހުޅުމާލޭގައި  އާއްމުފަރާތްތަކުން ޕިކްނިކް ބޭއްވުމަށް ވަކި ހުއްދައެއް ނަގާކަށް ނުޖެހޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު  އިއުލާންކޮށްފިއެވެ.

އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑިޕާޓްމަންޓް ހެޑް، ހަސަން ޝަހީދު ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި  އާއްމުފަރާތްތަކުން ޕިކްނިކް ބޭއްވުމަށް ވަކި ހުއްދައެއް ނަގާކަށް ނުޖެހޭނެކަމަށާއި  އެހެންނަމަވެސް މޭޒު ނުވަތަ ގޮނޑި ގެންދާނަމަ، އަދި ފޮޓޯ ނެގުމަށް ބެކްޑްރޮޕެއް ބަހައްޓާނަމަ، އެޗްޑީސީގެ ހުއްދަ ހޯދަންޖެހޭނެކަމަށެވެ.

ޝަހީދު  ވިދާޅުވި  ގޮތުގައި  އެޗްޑީސީން  އެކުލަވާލާފައިވާ "އާންމު ސަރަޙައްދުތައް ބޭނުންކުރުމާއި ކުއްޔަށް ދޫކުރުމާ ގުޅޭ "ގައިޑްލައިނާ  އެއްގޮތަށް  ހުރިހާ  ފަރާތްކަށްވެސް ހުޅުމާލޭގެ  ސަރަހައްދުތައް  ބޭނުންކުރެވޭނެކަމަށެވެ.

ޝަހީދު އިތުރަށް ވިދާޅުވި ގޮތުގައި  މިފަދަ  ކަންކަން  ބަަހައްޓާ  އެޗްޑީސީ  ސްޓާފުން ބައެއް ކަންކަން އޮޅުންފިލުވުމަށާއި ހިނގަމުންދާ ކަންކަން ރަނގަޅަށް ދެނެގަތުމަށްޓަކައި އާންމުންނާ ވާހަކަދައްކާނެކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ފަރާތެއްގެ ގުޅޭނެ ނަންބަރެއް ހޯދަން ޖެހިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް