އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢުއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ބައްލަވާލައްވާފައެވެ. މި މެޗުގައި ވަނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) / ވިޒިޓް މޯލްޑިވްސް އާއި އެލް.އެފް.ސީ ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފައިވެއެވެ.

މީގެ އިތުރުން، ފުޓްބޯލް ފޮރ ޕީސްގެ އޮފިޝަލުންނާ ބައްދަލުކުރައްވައި ޔުނިވަރސިޓީ އޮފް ލީޑްސްއަށްވެސް އެމަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފައެވެ. އެ ޒިޔާރަތުގައި އެ ޔުނިވަރސިޓީގެ އިސްވެރިންނާއި، ލީޑްސް ސެންޓްރަލް އެންޑް ހެޑިންގްލީގެ މަޖިލީސް މެންބަރާވެސް އެ މަނިކުފާނު ބައްދަލުކުރެއްވިއެވެ.

ހަމައެއާއެކު، ލޯރޑް މޭޔަރ އޮފް ލީޑްސްއާއި، ވެސްޓް ޔޯކްޝަޔާގެ މޭޔަރާ ބައްދަލުކުރައްވައި އިނގިރޭސިވިލާތުގައި ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި އެ ދަރިވަރުންގެ ތަޢުލީމު ކަންކަން ކުރިއަށްދާގޮތް ބައްލަވައި، އެ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވުމުގައި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މިދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ލަންޑަންގެ ނަމްބަރ 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވިއަން ސްޓޫޑެންޓްސް އެސޯސިއޭޝަން-ޔޫކޭ (އެމް.އެސް.އޭ-ޔޫކޭ)ގެ ތަނެއްގެ ގޮތުގައިވެސް އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް