މިއަދާއި މާދަމާ ވެސް "ޢީދު ހަވީރު" ބާއްވާނެ

ފިތުރު ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ބޭއްވި "ޢީދު ހަވީރު" ގެ ހަރަކާތްތައް އިތުރު ދެ ދުވަހަށް އިތުރުކުރުމަށް ނިންމައިފިއެވެ.

މި ހަރަކާތަކީ ފަހުގެ ތާރީޚެއްގައި މާލޭގައި ފިޠުރު ޢީދު ފާހަގަކުރުމުގައި އާއިލާތައް އެއްތަނަކަށް އެއްވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ކަމުގައި ބެލެވެއެވެ. ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހުގެ ހަވީރު މި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ސަރަޙައްދު އަދި ސަލްޓަން ޕާކުގައެވެ.

އެމް.އެން.ޑީ.އެފްގެ އިސްނެގުމުގެ ދަށުން ބާއްވާ މި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނާއި، ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގައި ހުރިހާ އުމުރެއްގެ މީހުންނަށް އަމާޒުކޮށްގެން އެކި ބާވަތުގެ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިމެނިފައިވެއެވެ.

މި ހަވީރުގައި ޚާއްޞަކޮށް ފާހަގަކޮށްލެވެނީ ދިވެހިންގެ އާދަކާދައާއި، ކުރީގެ ދިވެހި ކުޅިވަރުތައް ދައްކުވައިދިނުމުގެ އިތުރުން، ކުޑަކުދިންނަށް ޒަމާނީ ކެރެކްޓަރުތައް ތަޢާރަފުކޮށްފައިވާކަމެވެ. މި ހަރަކާތްތަކުގައި ހުރިހާ އުމުރުފުރައެއްގެ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް