މި ރޯދަ މަހު، ކަރަންޓު ބިލުން %10 ގެ ޑިސްކައުންޓެއް ދެނީ

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް މަދުވެގެން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭން ސްޓެލްކޯއިން މިއަދު ނިންމައިފިއެވެ. މިކަން އިއުލާންކޮށްފައިވަނީ މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސްޓެލްކޯ އިން ބުނީ "މި ދިޔަ ރަމަޟާން މަހު ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ ރަމަޟާން މަހުގެ ޑިސްކައުންޓް ދެ މަހެއްގެ ބިލްގައި ހިމަނަން ޖެހުން ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުން އަރާފައިވާތީ، މިއަހަރު ރަމަޟާންމަހަށް ތައްޔާރުކުރާނީ އެއް ބިލުކަމަށެވެ.

މި ރޯދަ މަހު ހުރިހާ ގޭބީސީއަކަށްވެސް އެންމެ މަދުވެގެން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓުދިނުމަށް ސްޓެލްކޯއިން ނިންމާފައިވާތީވެ، ރަމަޟާންމަހުގެ ބިލް ތައްޔާރުކުރުމަށްޓަކައި މާދަމާ މާލެ ސަރަހައްދުގައި ކަރަންޓް މީޓަރުގެ ރީޑިން ނެގުމަށް ސްޓެލްކޯގެ 350 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށާއި، އެއް ދުވަހުން މާލޭގެ ހުރިހާ ސަރަހައްދެއްގެ ރީޑިން ނަގައި ނިންމާލާނެ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގައި ބަލާނީ މިދިޔަ އެއް އަހަރުގެ ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށާއި، ޑިސްކައުންޓު ދޭނީ އިތުރުވާ އަދަދަށް ބަލައިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެއެވެ.

މި ދަމާ ރީޑިންގ ނަގާއިރު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ގޭގައި ގިނަވަގުތު ނޫޅޭ ފަރާތްތަކުން ގޭގައި އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ ވަގުތުގައި ރީޑިން ނަގަން ދާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް