ދ އަތޮޅަަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅުގެ ކުޑަހުވަދޫ، މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށްރަށުގެ ރައްޔިތުންނަށް މުހިންމު ގިނަ ނިންމުންތަކެއް އިޢުލާންކުރައްވާފައެވެ. މީގެ ތެރޭގައި:

  •  ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހެއްދެވުން
  •  ދ. މާއެނބޫދޫގައި ބިންހިއްކުމާއި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުން
  •  ދ. ބަނޑިދ. ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމާއި ބިންހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެއްޓެވުން
  •  ދ. އުއްދޫ އަތޮޅުގެ ޢާންމު ރައްޔިތުންނަށް ދަތުރުކުރެވޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުން
  •  ދ. ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް ޖުލައި މަހު ފެއްޓެވުން

މީގެ އިތުރުން، ގިނަ ރަށްތަކެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ފައްޓަވައިދެއްވާފައިވާކަން ފާހަގަކުރެވެއެވެ. މިއާއެކު ނިލަންދެއަތޮޅު ދެކުނުބުރި ވެފައިވަނީ، ވަކި ރަށްތަކުގެ މައްޗަށް އެކުލެވިފައިވާ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވުނު ފުރަތަމަ އަތޮޅަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ގެދޮރުވެރިކަމާ ގުޅޭ މުހިންމު އިޢުލާންތަކެއްވެސް ކުރައްވާފައެވެ. މީގެ ތެރޭގައި:

  •  ހައުސިން ޔުނިޓު މަޝްރޫޢުގައި އަމިއްލަ ގެދޮރުގައި ހައުސިން ޔުނިޓު އެޅުމުގެ ފުރުޞަތު ހުޅުވާލެއްވުން
  •  4000 ފްލެޓް ލިސްޓުގެ މައްސަލަ ހައްލުކުރައްވައި، މި ހަފުތާ ތެރޭ އިޢުލާންކުރެއްވުން
  •  ގުޅީފަޅުގެ ހިއްކި ސަރަޙައްދުން ގޯތި ކަނޑައަޅުއްވައި ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރެއްވުން
  •  ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ދުވެލި އަވަސްކުރެއްވުން
  •  އުތުރު ތިލަފަޅުން ގެދޮރުވެރިކަމަށް 125 ހެކްޓަރ ހިއްކެވުން

އަދި ޞިއްޙީ ދާއިރާއާ ގުޅޭގޮތުން، އެމް.އެފް.ޑީ.އޭގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މާރިޗު 15 އިން ފެށިގެން، އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އެޕްރިލް 15 އިން ފެށިގެން އެސް.ޓީ.އޯ ބޭސްފިހާރަތަކުން ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންާ އިޢުލާންކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައިވާ ފަދައިން، މަސައްކަތް ފެށުމަށް ފަހު ހުއްޓިފައި ހުރި ހުރިހާ މަޝްރޫޢެއް، ފެބްރުއަރީ މަހާއި މާރިޗު މަހު، އަލުން ފައްޓަވާނޭކަމަށް ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރަމަޟާންމަހަށް ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު، އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އަތޮޅުގެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުވައްސަސާތަކުގެ ވެރިންނާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ރައްޔިތުން އެދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން، މުހިންމު ނިންމެވުންތަކެއް ނިންމަވައި އިޢުލާންކުރައްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް