ފުލެޓު ލިސްޓު މިހަފުތާގެ ބުރާސްފަތި ދުވަހު އިއުލާން ކުރަނީ

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އަންނަ ބުރާސްފަތި ދުވަހު އާންމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ދ. ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރަމަޟާން މަހުގެ ކުރިން ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް އެކި ފަހަރުމަތިން ވިދާޅުވެފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން އެކަމާމެދު ސުވާލު އުފައްދަމުންދެއެވެ.

"ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވިން ރަމަޟާން މަހުގެ ކުރިން ލިސްޓު އާންމުކުރާނެކަމަށް. ގެދޮރުވެރިކަމާއި ބިނާވެށި ވުޒާރާއިން އަންނަ ބުރާސްފަތި ދުވަހު ލިސްޓު އާންމުކުރައްވާނެ،" ރައީސް ވިދާޅުވިއެވެ.

އަދި ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ދެކެނީ ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއްގެ ގޮތުގައެވެ.

"އެންމެ ކުޑަ ރަށުގައި ހުންނަ ރައްޔިތަކީވެސް އެންމެ ބޮޑު ރަށުގައި ދިރިއުޅޭ ރައްޔިތެކޭ އެއްހަމައެއްގައި ހުންނަ ރައްޔިތެއް. ޚިދުމަތް ދިނުމުގައިވެސް މި ޢަދުލުވެރިކަމާއި އިންސާފުވެރިކަން ޤާއިމުކުރަން އަޅުގަނޑުމެން ބޭނުން،" ރައީސް ވިދާޅުވިއެވެ.

ފްލެޓް ލިސްޓު އާންމުކުރުމަކީ ގިނަ ރައްޔިތުން ބޮޑު އުންމީދެއް ކުރަމުންދާ ކަމެކެވެ. މި ލިސްޓުގައި ހިމެނޭނީ ހިޔާ މަޝްރޫޢުގެ ދަށުން އެކި ކެޓަގަރީތަކުން ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ 4000 ފަރާތުގެ މަޢުލޫމާތެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް