މަޝްރޫޢުތައް ހިންގުމަށް، ސަރުކާރުން ރާވާފައިވަނީ އެންމެ ހަރަދުކުޑަ ގޮތަކަށް: ރައީސް

ސަރުކާރުން މަޝްރޫޢުތައް ހިންގުމަށް ރާވާފައިވަނީ އެންމެ ޚަރަދު ކުޑަކޮށް، އެންމެ ރަނގަޅަށް ކަން ކުރެވޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުގެ މަޝްރޫޢުތައް ހިންގުމުގައި އެންމެ ޚަރަދު ކުޑަ އަދި އެންމެ ރަނގަޅު ގޮތް ހޯދުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި، ރައީސް ވަނީ، މާއެނބޫދޫއަށް ކުރެއްވި ދަތުރުފުޅުގައި، 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވައިފައިވެއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އައު އުސޫލުގެ ދަށުން، މަޝްރޫޢުތައް ހިންގުމުގައި ވަކިވަކި ކުންފުނިތަކަށް މަސައްކަތް ބަހާލުމުގެ ބަދަލުގައި، "އެއްކޮށް ރާވައިގެން ކުރިއަށް ގެންދިއުމަށް" ނިންމަވާފައިވެއެވެ. މީގެ ތެރޭގައި ކުޅިވަރު ވަސީލަތްތަކާއި، އެހެނިހެން އަސާސީ ވަސީލަތްތައް ހިމެނެއެވެ.

ޞިއްޙީ ދާއިރާއަށް އިސްކަންދެއްވައި، މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު ވަސީލަތްތައް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ވަސީލަތްތަކުގެ ގޮތުގައި ފުޓުބޯޅަ ދަނޑު، ވޮލީ ކޯޓު އަދި ފިޓްނަސް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މީގެއިތުރުން، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އާރް.ޓީ.އެލްގެ ޚިދުމަތް މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރެއްވުމަށް ރޭވިފައިވާ ކަމަށާއި، އިންޖީނުގޭގެ މައްސަލަތައް ހައްލުކުރެއްވުމަށް ރަމަޟާން މަހުގެ ކުރިން އައު ޖެންސެޓްތައް ގާއިމުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިއްކޭ 30 ހެކްޓަރުގެ ތެރެއިން ދެ ހެކްޓަރު ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެކަމަށް ރައީސް މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް