މާއެނބޫދޫގައި އޭޓީއެމް ޚިދުމަތް ރައީސް ފަށްޓަވައި ދެއްވައިފި

ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސަރވިސް އޭޓީއެމް ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތެއްގެ ގޮތުގައި ހިމެނޭ ކަމެކެވެ. މި ސިޔާސަތުގެ ދަށުން މާއެނބޫދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް ހުޅުއްވައިދެއްވީ އެމަނިކުފާނު މިހާރު ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޚިދުމަތް ބޭނުންކުރައްވައި ފައިސާ ނަންގަވާފައެވެ. އަދި އެމަނިކުފާނު ބޭނުންކުރެއްވި ކާޑު ވަނީ މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސަޢީދާ ހަވާލުކުރައްވާފައެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން އެކައުންޓުތަކުގެ މެދުގައި ފައިސާ ބަދަލުކުރުމުގެ ޚިދުމަތްވެސް ލިބޭނެ ކަމަށެވެ. އަދި ކުޑަހުވަދޫ ބްރާންޗުގެ މުވައްޒަފުން މާއެނބޫދޫއަށް ޒިޔާރަތްކޮށް ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހި ރައްޔިތުންނަށް ބޭންކިން ޚިދުމަތް ގާތުން ފަސޭހައިން ލުއިކޮށް ދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތް،" ޝަރީފް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި މާއެނބޫދޫ ކައުންސިލާއި އިޤްތިޞާދީ ވުޒާރާއާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

ރިއެކްޝަންސް

ކޮމެންޓް