ސައްޚަ ވިސާ ނެތި މަސައްކަތް ކުރަމުން ދިޔަ ތިން ބިދޭސީންތަކެއް އަތުލައިގަނެފި

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން އަތުލައިގަނެފިއެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ހިންގާ ރެއިޑު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، ކުރި މަސައްކަތުގެ ތެރެއިން ބުރާސްފަތި ދުވަހު ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއް އަދި ކެފޭއެއް ބަލައި ފާސްކޮށް، ޞައްޙަ ވިސާއެއް ނެތި މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މީގެ އިތުރުން، މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގަމުންދާ ފަސް ކުދި މާރުކޭޓެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފއިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ގަވާއިދާ ޚިލާފު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ 3 އަހަރުގެ ޚާއްސަ ޕްލޭނެއް އެކުލަވާލާފައެވެ. މި ޕްލޭން 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް