ސަރުކާރުން، އައްޑޫސިޓީއަށް ގެންދިޔަ 1.8 މެގަވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، ބޭނުންކުރަން ފަށައިފި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މިއީ އެ ސިޓީގެ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން އައިތާ އަހަރުތަކެއް ވެފައިވާ ދަނޑިވަޅެއްގައި ލިބުނު ކުރިއެރުމެކެވެ.

ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އައްޑޫ ސިޓީގައި ބޭނުންކުރަމުންދިޔަ 3 ޖަނަރޭޓަރު ވަނީ ބޮޑަށް ހަލާކުވެފައެވެ. އޭގެ ތެރެއިން އެއް ޖަނަރޭޓަރު މަރާމާތުކޮށް ހިންގަން ފަށާފައިވާއިރު، ދެވަނަ ޖަނަރޭޓަރު މި ހަފްތާގެ ތެރޭގައި މަރާމާތުކޮށް ނިންމުމަށް ވަނީ ރޭވިފައެވެ. އަދި ތިންވަނަ ޖަނަރޭޓަރު ރާއްޖެއިން ބޭރުން ސްޕެއަރ ގެނެސްގެން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އައްޑޫ ސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތަށް މައްސަލަތަކެއް ދިމާވަމުން އަންނައިރު، މި މައްސަލަ ރަމަޟާން މަހަށް ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރައްވައިގެން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން މިދިޔަ އަންގާރަދުވަހު އެ ސިޓީއަށް ގެންދެވުނު 1.8 މެގަވޮޓްގެ ޖަނަރޭޓަރު ސެޓް މިހާރު ވަނީ އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައެވެ.

ރަމަޟާން މަހަކީ ކަރަންޓުގެ ބޭނުންކުރުން އިތުރުވާ މަހަކަށްވެފައި، އައްޑޫ ސިޓީގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާއެކު ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާތީ، ދާއިމީ ހައްލެއްގެ ގޮތުން 32 މެގަވޮޓްގެ ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

ފެނަކަ ކޯޕަރޭޝަނުން ފާހަގަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދާއި ލަފާފުޅާއެކު އައްޑޫ ސިޓީގެ ކަރަންޓަށް ދާއިމީ ހައްލު ހޯދުމަށް ފެށިފައިވާ މަސައްކަތް ދޮޅު އަހަރު ތެރޭގައި ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް