އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންސިސް ފިޝަރީޒްގެ ފަރާތުން ޖެނެރަލް މެނޭޖަރ ހުސައިން އަފީފާއި، ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ޗެއަރމަން ލިން ޔުޗެންޖްއެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޗައިނާގެ ބޮޑެތި މީޑިއާތަކުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމަކީ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑްގެ ދަށުން ޤާއިމްކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްއިން އުފައްދާ ދަޅުމަހާއި، ގަނޑުކުރި ރޯމަސް ފަދަ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ މެދުތެރޭގައި ޗައިނާގެ ބެއިޖިންއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބެއިޖިންއާއި ކައިރި ޕްރޮވިންސްތަކުގައިވެސް މި އުފެއްދުންތައް ވިއްކުމަށް ހަމަޖެހިފައިވާއިރު، އޮންލައިންކޮށްވެސް މި އުފެއްދުންތައް ވިއްކުމަށް ރޭވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އެކްސްޕޯޓާއި ރީ-އެކްސްޕޯޓްގެ ދާއިރާ ފުޅާވެގެންދާނެކަމަށް ސަރުކާރުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ސަބަބުން އައު ވިޔަފާރިތައް އުފަންވެ، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް