ރަމަޟާންމަހާ ކުރިމަތިލާން ވާނީ، ފުރިހަމަ ތައުބާއަކުން ތައުބާ ވެގެން: ހުތުބާ

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހެނީ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި އިރުޝާދު ދެވިއްޖެއެވެ. އަދި ރޯދައިގެ ޝަރުޢީ ޙުކުމްތައް ދެނެގަތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.

ހުތުބާގައި ވިދާޅުވި ގޮތުގައި ރަމަޟާންމަހަށް ތައްޔާރުވުމަކީ ހަމައެކަނި ގޭތެރޭގެ ފަރުނީޗަރާއި ކެއުންބުއިމަށް ގެންނަ ބަދަލުތަކަކަށް ވެގެން ނުވާނެއެވެ. މި މައްސަރަކީ ނަފުސު އިޞްލާޙުކޮށް، ޙަޔާތުގެ އާ ޞަފުޙާތަކެއް ހުޅުވައިލުމުގެ ފުރުޞަތެއް ކަމަށް ބަޔާންކުރެއްވިއެވެ.

ހުތުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރަމަޟާންމަހަކީ ތަޤުވާވެރިކަމަށް ވާޞިލުކޮށްދޭ ހުރިހާ ސަބަބުތަކެއް އެކުލެވޭ މައްސަރެކެވެ. އަދި "ރޯދައަކީ ރައްކާތެރިކަމެއް ކަމަށާއި، ރޯދައަށް ހުންނައިރު އެއްދާންނުކުރުމާއި، ބޭކާރު ވާހަކަ ނުދެއްކުމަށް" އިރުޝާދު ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފާއިތުވި ރަމަޟާންމަހުގެ ރޯދައެއް ނުހިފިވާނަމަ، އެ ރޯދަ ހިފުމަކީ ވާޖިބު ކަމެއްކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި އަނބިދަރީންނާއި ގާތްތިމާގެ މީހުންނަށްވެސް ދަރުމައާއި ސަވާބު ޙާޞިލުކުރެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ހުތުބާ ގައި ވިޔަފާރިވެރިންނަށް ޚާއްޞަ އިލްތިމާސެެއް ކުރިއެވެ. އެގޮތުން، މި މަހުގައި ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، މި މައްސަރުގެ ދަރުމަ ހޯދުމަށް މަސައްކަތްކުރުމަށް ވިޔަފާރިވެރިންނަށް ގޮވާލެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް