ރަމަޟާން މަސް ނިމުމުން 6 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ފެށޭނެ: ވަޒީރު ޝަހީމް

ކުރިއަށްއޮތް ރަމަޟާންމަސް ނިމުމުން 6 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ރަށްތަކަކީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހއ. ބާރަށް އަދި ތ. ވޭމަންޑޫއެވެ. ވަޒީރު ޝަހީމް ވިދާޅުވިގޮތުގައި މި ރަށްތަކުގައި ބިނާކުރާ މިސްކިތްތަކަކީ 300 މީހުންނާއި، 500 މީހުންނާއި އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތަކެކެވެ.

މި މިސްކިތްތަކުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކުރެވޭނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ސޯލާ ޕެނަލް، އެއަރ ކޮންޑިޝަން އަދި ނެވިލޯން ހިމެނެއެވެ. އަދި ކޮންމެ މިސްކިތެއްގައިވެސް ޤުރުއާން ކިޔަވައިދިނުމަށް ޚާއްޞަ ކްލާސްރޫމްތައް ހިމެނޭނެއެވެ.

މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާ ގުޅޭގޮތަށް ޑިޒައިންކޮށްފައިވާ މިސްކިތްތަކެއްކަންވެސް ވަޒީރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދަވާނެ ކަމަށެވެ. މި 6 ރަށުގެ މިސްކިތްތަކަކީވެސް މި މަޝްރޫޢުތަކުގެ ތެރެއިން ބައެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް