މުޒާހަރާ ކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާ ކޮށްފި

މިދިޔަ އަހަރުގެ ފަހުކޮޅު، ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން އުޅޭތީ ހުޅުމާލޭ ނިރޮޅުމަގުން ސިނަމާލެ ބްރިޖަށް ދެވޭ ލޭނުން ދުއްވާ އެއްޗެހި ނުދުއްވޭ ގޮތަށް މަގު ބްލޮކްކޮށްގެން ތިބި މައްސަލައިގައި ތިން ޓެކްސީ ޑްރައިވަރެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައިގައި ދަޢުވާކުރެވުނު ފަރާތްތަކަކީ

  • މއ. ވިރާހް، މުހައްމަދު ޝާމިން
  • މއ. ނަހީދީމަންޒިލް، މިސްބާހް ޝަރީފް
  • ހޮލިޑޭވިލެޖް/ހދ. ކުމުންދޫ، ނުއުމާން އަހުމަދެވެ.

މި ތިން ފަރާތުގެ މައްޗަށް ދަޢުވާ ހުށަހަޅާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މި މަހުގެ 5 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ތިން ޑްރައިވަރުންގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދަޢުވާއެވެ. ދައުލަތުގެ ދަޢުވާގައި ބުނާ ގޮތުގައި މި ފަރާތްތަކުން ވަނީ ހުޅުމާލެ ނިރޮޅުމަގު އެމްޑަބްލިއުއެސްސީ ކައިރިން އުޅަނދުފަހަރަށް ނުދެވޭނެހެން ކާރުތަކެއް ބޭނުންކޮށްގެން މަގު ބަންދުކޮށްފައެވެ. އަދި ފުލުހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުންވެސް އެކަމަށް އިންކާރުކޮށް ދެކޮޅުހަދާފައިވެއެވެ.

މި ކުށަކީ ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ ޖިނާއީ ކުށެއް ކަމަށްވާއިރު، މި ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 4 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. މި ހާދިސާ ހިނގި މިދިޔަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ މި ތިން ފަރާތް ހައްޔަރުކޮށް، އެ ސަރަހައްދުގައި ހުރި ޓެކްސީތައް ޓޯކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް