ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ. މިއާއެކު އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ.

މި އިނާމަށް ކުރިމަތިލެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޯޓަލް "ފޯމު ހުށަހެޅުން" މެދުވެރިކޮށެވެ. ނަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ގައެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ ޝަރަފުވެރި އިނާމެކެވެ. މި އިނާމުގެ ގޮތުގައި އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ.

މި އިނާމަށް ނަން ހުށަހެޅޭނީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގައި އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުނިތަކުގައި ޚިދުމަތްކުރާ ނުވަތަ ކުރި މުވައްޒަފުންނަށެވެ. އަދި މުވައްޒަފުންގެ ނަން ހުށަހެޅޭނީ އެ މުއައްސަސާއަކުން، ކުންފުންޏަކުން، އެހެން ފަރާތަކުން ނުވަތަ އަމިއްލައަށެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އިނާމަށް ކުރިމަތިލާ ފަރާތްތަކުން ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމަކޮށް، ކަމާބެހޭ ލިޔެކިޔުންތަކާއެކު ފޯމު ހުށަހެޅުމަށާއި، ބޭނުންވާ ރެކޯޑުތައް ހޯދުމުގެ މަސައްކަތް ދުރާލާ ފެށުމަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް