ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިމާރާތްތަކަށާއި، އާންމު ތަންތަނަށް ފަސޭހައިން ވަދެވޭނެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ"ގެ 4 ވަނަ ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އަދިވެސް ބައެއް އިމާރާތްތަކާއި ޕާކުތަކާއި މައިޒާންފަދަ އާންމު ތަންތަން ހަދާފައި ހުންނަ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަންތަނަށް ވަދެނިކުތުމުގައި ދަތިތަކަކާ އުނދަގޫތަކެއް ހުރިކަމަށެވެ. މި ދަތިތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސް ޑރ. މުޢިއްޒު ނިންމަވައި އަންގަވާފައިވަނީ މިހާރު ހަދަމުންދާ ހުރިހާ އިމާރާތެއްވެސް، އަދި ރައްޔިތުން ޒިޔާރަތްކުރާ ޕާކުތައްވެސް ވީލްޗެއަރސް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެވޭގޮތަށް ޕްލޭންތައް ހެދުމަށް. އަދި ހެދިފައިހުރި ޢިމާރާތްތަކަށްވެސް އެބަދަލު ގެނައުމަށް އަންގަވާފައިވަނީ," ވަޒީރު ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ހުރި އިމާރާތްތަކަށް ވަދެނިކުތުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަތިކަން ދިމާވާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމަށް ހައްލު ހޯދުމަށް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ނުކުޅެދުންތެކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް މިހާރަށްވުރެ ބޮޑަށް، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ޙިމާޔަތްކޮށް އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާފައިވާއިރު މިހާތަނަށް 13000 އަށްވުރެ ގިނަ ފަރާތުން ވަނީ މިދަފްތަރުގައި ރަޖިސްޓްރީޖިސްޓްރީވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް