ޝޫޓިންގސްޕޯޓްސްގައި ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން އީޝަލަށް ރައީސްގެ ތަހުނިޔާ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ،ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

15 އަހަރުގެ އީޝަލް ވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވުނު އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދާފައެވެ. އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރިހޯދާފައެވެ.

މި އުފާވެރި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކްސް ޕޯސްޓެއްގައި ވަނީ އީޝަލްއަށް ޚާއްޞަ ތަހުނިޔާއެއް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށާއި، އީޝަލްގެ މި ކާމިޔާބީން ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ފަޚުރުވެރި ވަގުތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މުބާރާތުގެ އެއަރ ޕިސްޓަލް އިވެންޓުގެ ޖޫނިއަރ ބައިގެ ފައިނަލްގައި އީޝަލް ވަނީ 229.2 ޕޮއިންޓް ހޯދާފައެވެ. ރަން މެޑަލް ކާމިޔާބުކުރި ޗައިނީސް ތައިޕޭގެ ވާދަވެރިޔާ ވަނީ 231.2 ޕޮއިންޓް ހޯދާފައެވެ. މިއީ ވަރަށް ކުޑަ ތަފާތަކުން ގެއްލުނު ރަން މެޑަލެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް