އީއޭއެސްއޭ ޕާޓް-145 ސެޓުފިކެޓު؛ އައިލެންޑް އޭވިއޭޝަނަށް ފާހަގަކުރެވޭ ކުރިއެރުމެއް!

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އަށް އީއޭއެސްއޭ ޕާޓް-145 ސެޓުފިކެޓް ލިބި، ރާއްޖޭގެ އޭވިއޭޝަން މެއިންޓަނަންސް ދާއިރާއަށް ފަޚުރުވެރި ކާމިޔާބީއެއް ހޯދައިފިއެވެ. މި ސެޓުފިކެޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ އެއާލައިންގެ އިޞްލާޙުކުރުމާއި ޒަމާނީކުރުމުގެ އެޖެންޑާގެ ދަށުން ހާސިލުކުރެވުނު އެންމެ ފުރަތަމަ ތާރީޚީ ކާމިޔާބީއެވެ.

މި ސެޓުފިކެޓާއެކު އައިލެންޑް އޭވިއޭޝަނަށް މިހާރު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިތުރުން ބޭރުގެ 11 ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މެއިންޓަނަންސް އެޕްރޫވަލް ލިބިފައިވެއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި މި ކާމިޔާބީގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެއެވެ.

އީއޭއެސްއޭ ޕާޓް-145 އެޕްރޫވަލްގެ ދަށުން އައިލެންޑް އޭވިއޭޝަނަށް ޔޫރަޕްގައި ރަޖިސްޓްރީކޮށްފައިވާ އެއާކްރާފްޓްތަކަށް ސީދާ މެއިންޓަނަންސްގެ ޚިދުމަތް ދެވޭނެއެވެ. މީގެ ސަބަބުން އެއާލައިންތަކަށާއި ފަސިންޖަރުންނަށް ކުރިއެރުން ލިބި، އެއާކްރާފްޓްތަކަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

މިހާރުވެސް އައިލެންޑް އޭވިއޭޝަނުން އެއާބަސް، ބޮއިންގ، ސެސްނާ، ޓެކްނެމް، ޑީއެޗްސީ އަދި އޭޓީއާރު ފަދަ ގިނަ ބާވަތްތަކުގެ މަތިންދާބޯޓުތަކަށް މެއިންޓަނަންސްގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު، 30 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ އެއާލައިންތަކަށް ލައިން މެއިންޓެނަންސްގެ ޚިދުމަތް ފޯރުކޮށްދެއެވެ.

އައިއޭއެސްއެލްގެ އިންޖިނިއަރިންގ އިން ފުޅާ ދާއިރާއެއްގައި މެއިންޓަނަންސް ސަޕޯޓް ފޯރުކޮށްދޭ އެއާކްރާފްޓްތަކުގެ ތެރޭގައި

  • އެއާބަސް އޭ320 ،
  • އޭ330،
  • އޭ350،
  • ބޮއިންގ 737، 767، 777 އަދި 787،
  • ސެސްނާ 150/152F، ޓެކްނެމް P2006T, DHC-6, DHC-8 އާއި އޭޓީއާރު 42/72 ވެސް ހިމެނެއެވެ.

އީއޭއެސްއޭ ޕާޓް-145 ސެޓުފިކެޓާއެކު ކުންފުނީގެ ޤާބިލުކަން އިތުރުވެ، ދުނިޔޭގެ އޭވިއޭޝަން މެއިންޓަނަންސް ދާއިރާގައި މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާއިރު، އިތުރުވަމުންދާ އޭވިއޭޝަން ދާއިރާގެ ޑިމާންޑަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުންފުނިން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް