ހައްޖާއި އުމުރާއަށް ދަތުރުކުރާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖެއިން ހައްޖާއި އުމުރާއަށް ދަތުރުކުރާ ފަރާތްތަކުން ކޮންމެހެން ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނާ ގޮތުގައި، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްވާ ގިނަ އަދަދެއްގެ މީހުންގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ރައްކާތެރިވުމަށާއި، ރާއްޖެ އެނބުރި އައުމަށްފަހު ބަލި ފެތުރުން ހުއްޓުވުމަށް މި ވެކްސިންތައް ޖެހުން ވަރަށް މުހިންމެވެ.

ޖަހަންޖެހޭ ވެކްސިންތައް:

ހައްޖާއި އުމުރާއަށް ދަތުރުކުރާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި

  • މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން،
  • އިންފްލުއެންޒާ،
  • އޯރަލް ޕޯލިއޯ ވެކްސިން.

އެޗްޕީއޭއިން އިތުރަށް ފާހަގަކުރި ގޮތުގައި، ހައްޖާއި އުމްރާއަށް މީހުން ގެންދާ އެންމެހާ ގްރޫޕްތަކުންނާއި، އަމިއްލަ ގޮތުން ދަތުރުކުރާ ފަރާތްތަކުން މި ވެކްސިންތައް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރަންޖެހެއެވެ.

މި ވެކްސިންތަކުގެ މިންގަނޑުތައް ކަނޑައަޅަނީ އެއިރެއްގައި ބަލިތައް ފެތުރޭ މިންވަރާއި، ރާއްޖޭގައި ބަލިފެތުރުމުގެ ނުރައްކާ އޮތް މިންވަރަށް ބަލައިގެންކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ވެކްސިން އުފެއްދުމުގައި އަންނަ ކުރިއެރުންތަކާއި، ބަލިތައް ފެތުރޭ މިންވަރަށް އަންނަ ބަދަލުތަކާ ގުޅިގެން މި މިންގަނޑުތަކަށް ބަދަލު ގެނެވި، އެ މަޢުލޫމާތު އާންމުކުރެވޭނެ ކަމަށްވެސް އެ އޭޖެންސީން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް