މެޒޯ މުހައްމަދު ނިޔާވުމާ ގުޅިގެން ރައީސް ޑރ މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އުމުރުން 59 އަހަރުގެ މެޒޯ މުހައްމަދު ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ރައީސް މުއިއްޒު އެކްސް (ކުރީގެ ޓްވިޓަރ) ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަގުބޫލް ހުނަރުވެރިކަމެއް ދައްކަވާފައިވާ، މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ނިޔާވުމުގެ ހިތާމައިގައި، އެ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ރައްދުކުރަމެވެ،"

މެޒޯ މުހައްމަދަކީ އަމިއްލަ ރާގު ގެނެސްދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. 40 އަށްވުރެ ގިނަ އަމިއްލަ ރާގު ގެނެސްދީފައިވާ މެޒޯ މޯޑުގެ ލަވަތަކަކީ ނުވަދިހައިގެ އަހަރުތަކުގައި ދިވެހީންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދި ލަވަތަކެކެވެ.

އޭގެތެރެއިން، "އުޑުން ތަރިތައް"، "ވިސްނާ ވިސްނާ" އަދި "މަސްތު" ފަދަ ލަވަތައް ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.

މެޒޯ މޯޑުގެ އަންހެންދަރިފުޅު މީރާ މާޖިދަކީވެސް ދިވެހިލަވައިގެ އުދަރެހުގައި ވިދާ ތަރިއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް