އެސްއީޒެޑްގެ 100 މެގަވޮޓު ހަކަތަ އުފެއްދުމުގެ މަޝްރޫޢު މިއަހަރު މެދުތެރޭގައި

ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި އިރުގެ އަލިން 100 މެގަވޮޓުގެ ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ހުއްދަދެވުނު ފުރަތަމަ މަޝްރޫޢުއެވެ.

ދައުލަތުގެ  މީޑީއާގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ވިދާޅުވީ މި މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތައް މިހާރު ވަނީ ނިމިފައިކަމަށެވެ. އަދި މިއަހަރުގެ މެދުތެރޭގައި ފައިނަލް ކޮންޓްރެކްޓުގައި ސޮއިކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ޗެލެންޖިން ކަމެއް. އޯޕަން ސީގައި އެކަން ކުރާއިރު ވަރަށް ޗެލެންޖިން ވާނެ. ނަމަވެސް އެކަމަށް ދާންޖެހޭ ސަބަބުތައް އެބަހުރި. އިޤްތިޞާދީ ގޮތުން ލުޔެއް ހޯދުމަށް މި ޗެލެންޖިން ކަންތައްވެސް ކުރަންޖެހޭ." ޑރ. މުޢާވިޔަތު ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ތަރައްޤީކުރަނީ 100 މެގަވޮޓުގެ ފްލޯޓިން ފޮޓޯ ވޯލްޓައިކް (ޕީވީ) ނިޒާމެކެވެ. މިއީ މޫދުގައި ނުވަތަ ކަނޑުގެ ސަތަހައިގައި، ފެނުންމަތީގައި ބަހައްޓާ އަވިން ހަކަތަ އުފައްދާ ނިޒާމެކެވެ. މީގެ އިތުރުން، މި މަޝްރޫޢުގައި ބެޓެރި ސިސްޓަމާއި ރަށްތަކާ ގުޅާލުމަށް ބޭނުންވާ އިންޓަކަނެކްޝަން ވިއުގަވެސް ޤާއިމުކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުތެރޭގައި ނިމި، އޭގެ ނަފާ ލިބެން ފަށާނެކަމަށެވެ. މި މަޝްރޫޢަކީ ރާއްޖޭގައި ފޯރުކޮށްދޭ ކަރަންޓުގެ ⁦33%⁩ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ސަރުކާރުގެ ވަޢުދު ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިހާރު ރާއްޖޭގައި ޤާއިމުކޮށްފައިވާ އިއާދަކުރަނިވި ހަކަތައިގެ މިންވަރަކީ ⁦4%⁩ ކަމަށާއި، 2028 ވަނަ އަހަރު ނިމޭއިރު މި މިންވަރު ⁦33%⁩ އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް