މިއީ ކުރިއަށް އޮތް ޖީލުތަކަށް ފައިދާކުރުވަނިވި، މަންފާ ލިބިދޭނެ މައުލޫމާތު ހިމެނޭ ބަޔޯގްރަފީއެއް: ގާސިމް

އެބޭފުޅާގެ ބަޔޯގްރަފީ އަކީ އަންނަން އޮތް ޖީލުތަކަށް ފައިދާކުރަނިވި މަޢުލޫމާތު ހިމެނޭ ފޮތެއްކަމަށް ވިލާ ގްރޫޕްގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، "މި ފޮތް ލިޔުއްވަން ނިންމެވީ އަޅުގަނޑުގެ ހަޔާތުގައި ކުރި ޚިދުމަތްތަކާއި، ދިމާވި ގޮންޖެހުންތަކާއި، އެކަންކަމަށް ހައްލު ހޯދި ގޮތް އަންނަން އޮތް ޖީލަށް އަންގައިދިނުމަށް" ކަމަށެވެ.

މި ބަޔޯގްރަފީގައި ޤާސިމްގެ ކާމިޔާބީތަކާއި ނާކާމިޔާބީތަކުގެ އިތުރުން، ވިޔަފާރި އަދި އިޖުތިމާޢީ ޚިދުމަތްތަކާއި، އާއިލީ ދިރިއުޅުއްވުމާއި، ސިޔާސީ މައިދާނުގައި އަދާކުރެއްވި ދައުރު ހިމަނުއްވާފައިވެއެވެ. އަދި އެމަނިކުފާނުގެ ކާމިޔާބީގައި އިބްރާހީމް ދޮންމަނިކު، ދޮންބެ، ހައްވާމަނިކައްތަ، އިލްޔާސް އަދި އައްބާސްގެ ފަރާތުން ލިބިވަޑައިގެންނެވި ފިލާވަޅުތަކުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.

1976 ވަނަ އަހަރު އަމިއްލަ ވިޔަފާރި ފައްޓަވައި، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރެއިން އެކަކަށް ވެވަޑައިގެންނެވި ޤާސިމްގެ އިޖުތިމާޢީ ޚިދުމަތްތަކުގެ ތެރޭގައި ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކޮށްދެއްވުމާއި، ތަޢުލީމީ ދާއިރާއަށް އެހީތެރިވެވަޑައިގަތުމާއި، ރަށްރަށުގެ ތަރައްޤީއަށް އެހީތެރިވެވަޑައިގަތުން ހިމެނެއެވެ.

މި ބަޔޯގްރަފީއަކީ ޤާސިމްގެ ހަޔާތުގެ މުހިންމު މަރުހަލާތަކާއި، އެމަނިކުފާނުގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެވޭނެ ފޮތެއްކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް