މިމަހު 20ގެ ކުރިން ރޯދަ އިނާޔަތް ދިނުމަށް އަންގައިފި

އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންނަށް ދިނުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ސަރކިއުލާއެއްގައި އަންގަވައިފިއެވެ.

މި ސަރކިއުލާގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހެއެވެ. އަދި އިނާޔަތުގެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓްކުރުމަށް ކުންފުނިތަކަށް އަންގަވާފައިވެއެވެ.

އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުންނެވެ. އިތުރު ވަޒީފާ އަދާކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ ދޭކަށް ނުޖެހޭނެއެވެ.

ރަމަޟާން މަސް ފެށޭއިރު "ޕޭ ލީވް" އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުލިބޭނެއެވެ. ނަމަވެސް މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދަށް އިނާޔަތުގެ ފައިސާ ލިބޭނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 1 ވަނަ ދުވަހެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް