ގޯލްޑަން ފުޓްސަލް: ނައިވާދޫއަށް ކާމިޔާބު، ނޭކުރަންދޫ އާއި ވަށަފަރު އެއްވަރުވެ ޗެލެންޖުގެ ފޯރި ގަދަކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނައިވާދޫން ދިއްދޫ ބަލިކޮށް، ނޭކުރެންދުއާއި ވަށަފަރު އެއްވަރުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން އެކެއްގެ ދެވަނަ މެޗުތަކުގައި ހދ. ނައިވާދޫން ހއ. ދިއްދޫ 6-1 އިން ބަލިކޮށްލި އިރު، ހދ. ނޭކުރެންދުއާއި ހއ. ވަށަފަރު ވަނީ 1-1 އިން އެއްވަރުވެފައެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ނައިވާދޫ އާއި ދިއްދޫގެ މެޗުގައި ނައިވާދޫގެ ފަރާތުން ޝާއްޕެ، އަހުމަދު ހަމީދު، ޔާމިން މުހައްމަދު، މުހައްމަދު އަސްލަމް އަދި މުހައްމަދު ޝާއިން ގޯލު ޖަހާފައިވާއިރު، ދިއްދޫގެ ހުސައިން ޝިފާހު ވަނީ އެޓީމުގެ ހަމައެކަނި ގޯލު ޖަހާފައެވެ.

މީގެއިތުރުން ދިއްދޫގެ އަހްޒަމް ރަޝީދުގެ އަމިއްލަ ގޯލެއްވެސް ވަނީ ލިބިފައެވެ. ނޭކުރެންދުއާއި ވަށަފަރުގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ވަށަފަރުގެ އަބްދުﷲ ސިނާން ޖެހި ގޯލުންނެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ނޭކުރެންދޫގެ މުހައްމަދު ފަރްހާން (ފަރުއްކޮ) ވަނީ މެޗު އެއްވަރު ކޮށްފައެވެ.

މިހާރުގެ ޕޮއިންޓް ޓޭބަލްގައި ދެމެޗުން ހަތަރު ޕޮއިންޓާއެކު ވަށަފަރު އެއްވަނައިގައި އޮތްއިރު، ދެމެޗުން ތިން ޕޮއިންޓް ލިބިގެން ނައިވާދޫ އާއި ދިއްދޫ ވަނީ ދެވަނަ އަދި ތިންވަނައިގައެވެ. ނޭކުރެންދޫ ވަނީ ދެމެޗުން އެންމެ ޕޮއިންޓެއް ހޯދާފައެވެ.

ގަދަ 16 އަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތް ޓީމަކީ ވަށަފަރެވެ. އެޓީމަށް ދެން އޮތް ދިއްދޫ މެޗުން ޕޮއިންޓެއް ހޯދުމުން ފުދޭނެއެވެ. ނައިވާދޫއަށްވެސް ނޭކުރެންދޫއާ ދެކޮޅަށް ކުޅޭ ފަހު މެޗުން މޮޅުވެއްޖެނަމަ ގަދަ 16 ޔަގީންވާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް